އެކްސިޑެންޓުތައް މަދުކުރެވޭނީ ޓްރެފިކް ފުލުހުންގެ ބާރު ހަރުކަށިކޮށް ތަންފީޒުކޮށްގެން: ހާތިފް
ސަން
24 ޑިސެމްބަރު 2025 | ބުދަ | 11:21
މަގުމަތީގެ އެކްސިޑެންޓުތައް މަދުކޮށް ހުޅުމާލޭގެ މަގުތައް ރައްކާތެރިކުރެވޭނީ ޓްރެފިކް ފުލުހުންނަށް ލިބިދީފައިވާ ބާރުތައް ހަރުކަށި ގޮތެއްގައި ތަންފީޒުކުރެވިގެން ކަމަށް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެއެވެ.
އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އަޙްމަދު ފަޞީޙް ވަނީ, މި ފަހުން އާއްމުންގެ ފާޑުކިޔުން ބޮޑުވުމުގެ ސަބަބުން ހުޅުމާލޭ މަގުތަކުން ބަމްޕަރުތައް ނަގަން ޖެހުމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ބަމްޕަރުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ޒާތު ތަކެތި ކަމަށާއި އޭގެ ސަބަބުން ހުޅުމާލޭގައި އެކްސިޑެންޓް މަދުވި ކަމަށެވެ.
ފަޞީޙް ވިދާޅުވީ, ގޯހީ މަގުމަތީގައި ހަރުކޮށްފައި ހުރި ބަމްޕަރުތަކެއް ނޫން ކަމަށާއި ދުއްވާ މީހުންގެ އަމަލުތައް ކަމަށެވެ. އެގޮތުން ބަމްޕަރަށް އެރުމުގެ ކުރިން ސްޕީޑް މަޑުކުރަންޖެހޭ ވަރަށް މަޑުކުރާނަމަ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.