ގަރާޖު ހުއްދަ ހުށަނޭޅިއަސް، ވެހިކަލް ބާއްވާނެ ގަރާޖެއް އޮންނަންޖެހޭނެ: މިނިސްޓްރީ
ސަން
24 ޑިސެމްބަރު 2025 | ބުދަ | 11:53
އަންނަ މަހުން ފެށިގެން, ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، މާލޭ ސިޓީ ކައުންސިލާއި، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް ބަދަލު ގެންނަ ނަމަވެސް، ވެހިކަލް ބާއްވާނެ ގަރާޖެއް ދައްކަންޖެހޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު މިނިސްޓްރީން ވަނީ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު އެކަކުން ފެށިގެން ބަދަލުކުރާނެ ކަމަށް ބުނެފައެވެ. އެއާއެކު ދެން ގަރާޖެއް އޮތުން ލާޒިމްނޫންކަމަށް ބުނެ ބައެއް ވާހަކަތައް އަންނަނީ އާންމުންގެ މެދުގައި ދެކެވެމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން މިއަދު މިނިސްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް، ދެން ވެސް އުޅަނދު ބާއްވަން ރަޖިސްޓްރީކޮށްފައިވާ ގަރާޖު ޖާގައެއް އޮތުން ލާޒިމު ކަމަށެވެ. ފަސޭހަކޮށްފައިވާނީ ގަރާޖާ ގުޅޭގޮތުން ކަށަވަރުކުރަން ބޭނުންވާ ކަންކަމުގެ އިދާރީ މަރުހަލާތައް ކަމަށް މިނިސްޓްރީން ބުންޏެވެ.