ޖަމާކުރަން ގެންދިޔަ އެފްއެސްއެމްގެ ފައިސާ ފޭރުނު ކަމަށް ބުނި ނަމަވެސް ބޮޑު ހުކުމެއް
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:53
ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައި އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި، ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް އޭނާ ބުނި ނަމަވެސް، އޭނާގެ މައްޗަށް ބޮޑު ހުކުމެއް އިއްވައިފިއެވެ.
މިއީ 2019 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައި އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ 275،847 ރުފިޔާ، އެ ފައިސާ ހިފައިގެން ދިޔަ ތ. ތިމަރަފުށީ އިރުފުހޭގޭ، ފަތުހުﷲ ޖަމީލް އަތުން ފޭރިގެން ކަމަށް އޭނާ ބުނާ މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. ފޭރިގެން ކަމަށް އޭނާ ބުނާ ފައިސާއަކީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ އެ ހާދިސާ ހިނގި ހަފުތާގެ ބަންދުގައި ޕެޓްރޯލް އަޅައިދީގެން ލިބުނު ރުފިޔާއެވެ.