ރަސްމާލެ ހިއްކާއިރު ފަރުތަކަށް ގެއްލުންވާތީ، ގަވައިދުތަކަށް އަމަލުކުރޭތޯ ބަލަން ނަޝީދު އެދިވަޑައިގެންފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 1:47
މި ސަރުކާރުން ފަށައިފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން ބޭރުވާ ވެއްޔާއި ކިސަޑުން އެ ސަރަހައްދު ވަށައިގެންވާ ފަރަށް ގެއްލުން ލިބޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ކ. މާފުށްޓަށް ކުރެއްވި ދަތުރުގައި، ފުށިދިއްގަރު ހިއްކަމުންދާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހިއްކާއިރު ބޭރުގައި ވެއްޔާއި ކިސަޑުން، ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ބިން ހިއްކުން މުހިންމުކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް ކުރާއިރު، ސަރުކާރުން ބިން ހިއްކުމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ ގަވައިދުތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.