ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރާ ރިޓަޔާޑް ފުލުހުންނަށް، ރިޓަޔާމެންޓް އެލަވަންސް މެދުކަނޑާލަން ގަވައިދު އިސްލާހުކޮށްފި
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 2:59
މި ސަރުކާރުން ބައެއް މުހިންމު މަގާމުތަކަށް، ރިޓަޔާކޮށްފައިވާ ބޭފުޅުން އައްޔަންކޮށްފައިވާއިރު، އެގޮތަށް ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ ފުލުހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ގަވައިދު އިސްލާހުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި، ފުލުހުންގެ ރިޓަޔާމެންޓް ގަވައިދަށް ގެންނަ އިސްލާހުގައި ވަނީ، ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެ މަގާމުގައިނުވަތަ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔާމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑާލަންވާނެ ކަމަށެވެ.
އެ އިނާޔަތް މެދުކަނޑާލުމަށްފަހު ރިޓަޔާމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ދޭނީ ރިޓަޔާވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައިވެއެވެ.