ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުކުރާނީ މަދުވެގެން ތިން އަހަރު ފުރިހަމަކުރުމުން: އެމްކިއުއޭ
ސަން
25 ޑިސެމްބަރު 2025 | ބުރާސްފަތި | 8:32
ރާއްޖޭގައި ހާސިލްކުރާ ޕީއެޗްޑީ ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ގަބޫލުކުރާނީ ފުލްޓައިމްކޮށް މަދުވެގެން ތިން އަހަރު، ނުވަތަ ޕާޓްޓައިމްކޮށް މަދުވެގެން ހަ އަހަރު ފުރިހަމަކުރުމުން ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ގެޒެޓުގައި އާންމުކުރި ދެންނެވުމެއްގައިވަނީ، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހިންގާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ޕްރޮގްރާމުތަކާ ގުޅޭގޮތުން ވަކި ޚާއްސަ އުސޫލެއް އަދި އާންމުކުރެވިފައި ނެތް ކަމަށެވެ. އެކަމަކު ބޭރުން ހާސިލްކުރާ ޕީއެޗްޑީ ގަބޫލުކުރާ އުސޫލެއް އެކުލަވާލާފައިވާކަން ފާހަގަކުރިއެވެ.
އެހެންކަމުން ރާއްޖޭގައި، ނުވަތަ ބޭރުގެ ކޮލެޖުތަކާ ގުޅިގެން ރާއްޖޭގައި ހާސިލްކުރާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދުތައް ގަބޫލުކުރާނީ މިހާރުވެސް ބޭރު ގައުމުތަކުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހާސިލްކުރާ ޕީއެޗްޑީ ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް، އެމްކިއުއޭއިން ބުންޏެވެ. އަދި އެގޮތަށް އެ އިދާރާގެ ބޯޑުން ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.