ސްކޫލުތަކުގެ އާބާތުރަ ފިލުވަން މި ސަރުކާރުން ކުރި ވަރަށް އެހެން ސަރުކާރުތަކުން މަސައްކަތެއް ނުކުރޭ: ޝަފީޢު
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 12:14
ސްކޫލުތަކުގެ އިމާރާތްތަކުގެ އާބާތުރަ ފިލުވުމަށް މި ސަރުކާރުން ކުރި ވަރަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، އަންނަ އަހަރު ބޭނުންކުރެވޭ ވަރަށް ސްކޫލުތަކުގެ 30 އިމާރާތުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް ޝަފީޢު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް ސްކޫލުތަކުގެ އާބާތުރަ ފިލުވުމަށް 30 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި، މިއަހަރުގެ މިހާތަނަށް 70 މިލިއަން ރުފިޔާ އެ މަސައްކަތަށް ޚަރަދުކުރި ކަމަށެވެ.
ޝަފީޢު ވިދާޅުވީ، ސްކޫލުތަކުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބޮޑު ބަންދަށް ފަހު ދެން ފެށޭ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށްޓަކައި 20 މިލިއަން ރުފިޔާ ޚަރަދުކުރުމަށް މިނިސްޓްރީން މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 55 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.