ތިލަމާލެ ބުރިޖު އަވަސްކުރަން އިންޑިއާއާ އެކު އެބަ މަޝްވަރާކުރަން: މުއްތަލިބު
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 4:27
މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްކުރަން، އެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި އެ ގައުމުގެ ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބުރިޖުގެ 67.35 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. ބުރިޖުގެ މަސައްކަތް މިހާރު ދާ ދުވެލީގައި ކަނޑައަޅާފައިވާ ތާރީޚަށް ނުނިންމިދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވިއެވެ.
"ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެއްކޮށް އެބަ މަސައްކަތްކުރަން އަޅުގަނޑުމެންނަށް މަސައްކަތް އަވަސްކުރެވޭނީ ކިހިނެއްތޯ، މީގަ އެބަހުރި އަޅުުގަނޑުމެންނަށް އެބަ އެނގޭ ކުރިން 30 މަސްދުވަހުގެ އެކްސްޓެންޝަންއެއް ދީފައި އޮތްކަން ކޮންޓްރެކްޓަރަށް އިތުރު ފައިސާއެއް ނުލިބޭގޮތަށް، އެހެން ނަމަވެސް ކޮންޓްރެކްޓަރު މިހާރު އެ 30 މަސްދުވަހާ ގުޅިގެން އެބަ ވިދާޅުވޭ ކޭޝްފްލޯގެ ދަތިކަމެއް ހުރި ވާހަކަ،" މިނިސްޓަރު ވިދާޅުވިއެވެ.