ސޯޝަލް ހައުސިން ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވޭނީ ގާނޫނު އިސްލާހުކޮށްގެން: މުއްތަލިބު
ސަން
28 ޑިސެމްބަރު 2025 | އާދިއްތަ | 6:07
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ގާނޫނު އިސްލާހުކޮށްގެން ނޫނީ ނުހުއްޓުވޭނެ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކުރާ ފުލެޓުތައް ކުއްޔަށް ދޫކުރުން ސީދާ މަނާނޫން ނަމަވެސް ގާނޫނާ ޚިލާފު ކަންކަން ނުކުރެވޭނެ ކަމަށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި އެބަހުރި ސީދާ ކަނޑައެޅިގެން ކުއްޔަށްދިނުން، މިހާރު ޚާއްސަކޮށް ހިޔާ ފުލެޓުގައި، އެގްރީމަންޓުގައި، ސީދާ ކަނޑައެޅިގެން ކުއްޔަށް ދިނުން މަނާކޮށްފައި ލިޔެފައެއް ނެތް، އޭގަ އޮންނަނީ ގާނޫނާ ޚިލާފު ކަމެއް ނުކުރެވޭނެޔޭ،" އޭނާ ވިދާޅުވިއެވެ.