އޮޕަރޭޝަން ރިވެލި: 3986 މީހުންނާ ސުވާލުކޮށް، 29 މީހުން ހައްޔަރުކޮށްފި
ސަން
29 ޑިސެމްބަރު 2025 | ހޯމަ | 4:33
އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން މިހާތަަނަށް މާލެއާއި ހުޅުމާލެއިން 3986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުގައި އޮޕަރޭޝަން ރިވެލީގެ ތެރެއިން މި މަހުގެ 24 އިން 28އަށް، މާލެއިން 1693 މީހުން ހުއްޓުވައި ސުވާލުކޮށް 26 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލެއިން 2293 މީހުން ހުއްޓުވައި ސުވާލުކޮށް، ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާލެއިން ބަލައި ފާސްކުރި 1693 މީހުންގެ ތެރެއިން 95 މީހުންނަކީ ބިދޭސީން ކަމަށެވެ. އަދި ހުޅުމާލެއިން ހުއްޓުވައި ސުވާލުކުރެވުނު 2293 މީހުންގެ ތެރެއިން 46 މީހުންނަކީ ބިދޭސީން ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ.