ގޭންގު ހުއްޓުވާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ގޭންގުތަކާއި ގޭންގު ކުށްތައް ވަރަށް ބޮޑަށް މަދުވެއްޖެ: ފުލުހުން
ސަން
30 ޑިސެމްބަރު 2025 | އަންގާރަ | 11:50
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިދިޔަ އޮގަސްޓު މަހު އަމަލުކުރަން ފެށި ފަހުން، މާލެއާއި ރަށްރަށުގައި ގޭންގުތައް ހަރަކާތްތެރިވާ އަދަދާއި ގޭންގު ކުށްތައް ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވިދާޅުވީ، މިހާރު ގޭންގު ހަދައިގެން ކުށްކުރުމުގެ ހަރަކާތްތައް މަދުވެފައިވާ ކަމަށެވެ.
އިސްޙާޤް ވިދާޅުވީ، ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަން ފުލުހުން އެކި އިރު ބަލައި، އެ ތަންތަނުގައި ތިބޭ މީހުން ކުރާ ކަންކަމާއި ފޮނުވާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އިންޓެލިޖެންސްގެ އެހީގައި ހޯދޭ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.