ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތުތައް ބަދަލުކުރަން ސިޔާމް ގޮވާލައްވައިފި

ސަން

31 ޑިސެމްބަރު 2025 | ބުދަ | 6:07

އިގްތިސޯދަށް އަތުވެދާނެ ލޮޅުންތަކުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތުތަކާ މެދު އަލުން ވިސްނައި، ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި ދެފުށް ފެންނަ ހަމަހަމަ ސިޔާސަތެއް އެކަށައަޅައި، ތަންފީޒުކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ އައު އަހަރު ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށާއި، އެމްޑީއޭގެ ލޮބުވެތި މެންބަރުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. މިއަދު ވަކިވެގެންދާ 2025 ވަނަ އަހަރެކޭ އެއްފަދައިން މިރޭ މަރުހަބާ ކިޔާ 2026 ވަނަ އަހަރަކީ ވެސް ހުރިހާ ގޮތަކުން ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލެއްވުން އެދި ސިޔާމް ވަނީ ދުޢާ ދަންނަވައިފައެވެ.

ނިމިގެންދާ 2025 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ އަހަރެއްގެ ގޮތުގައި ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އެއީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ރައްޔިތުންނަށް އެކިކަހަލަ ދަތިތަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށެވެ. ޚާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުރި ހުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް