މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަނީ
ސަން
1 ޖެނުއަރީ 2026 | ބުރާސްފަތި | 11:55
މުދަލުގެ އަގު ކަނޑައެޅުމަށްޓަކައި ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް ހަރުދަނާ އުސޫލުތަކެއް މިއަދުން ފެށިގެން ގާއިމުކުރެވޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ބުނެފިއެވެ.
ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އަޑުއެއްސެވުމަށް އެ ވިޔަފާރިތަކާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ވިޔަފާރިވެރިން، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވެއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި މުދަލުގެ އަގު ކަނޑައެޅުމުގައި ކަސްޓަމްސްއިން ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.