ބޮޑުކުރި ޓެކްސްތަކާއެކު ފަތުރުވެރިން ކުރި ހޭދަ އިތުރުވެ، 5.4 ބިލިއަން ޑޮލަރަށް

ސަން

1 ޖެނުއަރީ 2026 | ބުރާސްފަތި | 4:57

މި ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައިވާ ކަމަށް، ފަތުރުވެރިކަން އިޝްތިހާރު ކުރާ ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ނޮވެމްބަރު މަހު އާންމުކޮށްފައިވާ އިގުތިސާދީ ހާލަތުގެ ރިޕޯޓާ ހަވާލާދީ، ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މިންވަރު 2024ގެ އެ މުއްދަތާ އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގުތިސާދީ ލޮޅުންތަކާ އެކު ވެސް، ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރު އެއާޕޯޓު ޓެކްސްއާއި ފަތުރުވެރިންގެ އަތުން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން އިއުލާނުކުރުމާ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ތަފާތު ބަހުސްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތަކާ ދެކޮޅަށް ގިނަ ޚިޔާލުތަކެއް ފާޅުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް ދެމެހެއްޓޭނެ ކަމާމެދު ސުވާލު އުފެއްދި ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހާސިލުކުރި ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.

މައުޟޫޢުތަށް