ޕޭ ފްރޭމްވޯކަށް އައި ބަދަލާއެކު ކައުންސިލްތަކުގެ ޝަކުވާ އެބަހުރި، ހައްލުކުރަން މަސައްކަތްކުރަމުން ދަނީ: އާދަމް ޝަރީފް
ސަން
3 ޖެނުއަރީ 2026 | ހޮނިހިރު | 11:46
މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ ޕޭ ފްރޭމްވޯކް ނުވަތަ މުސާރަ ދޭ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ، އެކަމަށް ގެނެވޭނެ ހައްލަކާ ގުޅޭ ގޮތުން ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން މިރޭ ވިދާޅުވިއިރު، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ކުރިން ލިބެމުން އައި މުސާރަ ކުޑަވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
ނަމަވެސް ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގެ ސަބަބުން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިއުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކުން މިއަހަރުން ފެށިގެން މުސާރައަށް ކުރަންޖެހޭ ޚަރަދު އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.