ކުރިން އެމްޑީޕީގައި ހުންނެވި ޒަރީރު އެމްޑީޕީ މެންބަރުންނަށް: ''އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ނުކުރީ ކީއްވެ؟''
ސަން
5 ޖެނުއަރީ 2026 | ހޯމަ | 11:27
އެމްޑީޕީގެ ވެރިކަމުގައި ކަންކަން ރަނގަޅު ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދަވައި އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް, ނިމިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ އެކު އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު ފާޑު ވިދާޅުވެއްޖެއެވެ. މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ޒަރީރު ވަނީ މަތިވެރި ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ އޭރު ހުންނެވީ އޭރު އޮތް އެމްޑީޕީގައެވެ. އޭނާ އެމްޑީޕީއިން ވަކިވެ, ޕީއެންސީއާ ގުޅިވަޑައިގަތީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ, 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައި އޮއްވައެވެ.
މި ވެރިކަމުގައި މިހާރު ޕީއެންސީ ތަމުސީލު ކުރައްވާ ޒަރީރު, މަޖިލީހުގެ ގިނަ ބަހުސްތަކުގައި އޭނާ އޭރު ހުންނެވި އެމްޑީޕީގެ ވެރިކަމަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު --- ފޮޓޯ/ މަޖިލިސް ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި, ޕެންޝަން ފަންޑަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން, ޒަރީރު ވިދާޅުވީ އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ އެސެޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި މިއަދު އެ އެސެޓްތަކުގެ އަގުތައް ދަށްވެގެން މި އުޅެނީ އެހެންވެ ކަމަށެވެ.