މައި ދެ އިންތިޚާބު އެއްކޮށްލަނީ ޚަރަދު ބޮޑުވެގެނެއްނޫން، ވެރިކަން ދިހަ އަހަރަށް ދަންމާލަން: ޣަފޫރު
ސަން
5 ޖެނުއަރީ 2026 | ހޯމަ | 12:57
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަނީ އިންތިޚާބުތަކުގެ ޚަރަދު ބޮޑުވެގެން ނޫން ކަމަށް ވިދާޅުވެ، މި ސަރުކާރުން އެކަން ކުރަނީ ދިހަ އަހަރަށް ވެރިކަން ދަންމާލުމުގެ ބޭނުމުގައި ކަމަށް، އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށާއި، މި ހިނގާ 20ވަނަ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހެއް އިއްޔެ ހުށަހަޅުއްވައިފައެވެ. އެ އިސްލާހު މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައި ވަނީ ބަހުސް ވެސް ފަށައިފައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތް ކުރަން ވާނީ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށް ފަހު ކަމަށެވެ.