ބައްސާމަށް ދައުވާ ސާބިތުވީއިރު އަމީން ކޮންސްޓްރަކްޝަނަށް ސަލާމަތްވުމުން، މައްސަލަ އިސްތިއުނާފުކުރަނީ
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 2:14
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން މައްސަލަ އިސްތިއުނާފުކުރަން ވިސްނަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ބައްސާމް، އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތް މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފައެވެ.
އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާއިރު، ހަމަ އެ މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ގާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށެވެ.