ރާއްޖޭން ބޭރުން އާސަންދަ ދޭއިރު، އެއްބައި ބަލިމީހާ އަތުން ނަގަން ލަފާދީފި
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 3:27
ދިވެހީންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދެމުން އަންނަ އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ޚިދުމަތް ދޭއިރު ބަލި މީހާގެ އަތުން ކޯޕޭމަންޓެއް, ނުވަތަ ކޮންމެ ވެސް އަދަދެއް ނެގުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވައިފިއެވެ. އޮޑިޓް އޮފީހުން މިއަދު ވަނީ 2019 އިން 2024 އަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓް ނެރެފައެވެ. އެ ރިޕޯޓް ބުނާގޮތުން އެ ހަ އަހަރު ތެރޭގައި ދައުލަތުން ވަނީ ބޭސްފަރުވާއަށް 35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ އެވެރެޖުކޮށް އަހަރަކަށް 5.9 ބިލިއަން ރުފިޔާއެވެ. އޮޑިޓް ރިޕޯޓްގައި ވަނީ މި ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ވިޒިޓިން ޑޮކްޓަރުންނަށް ވެސް ރާއްޖޭން ބޭރުން ބަލި މީހާ ފަރުވާ ހޯދަން ރިފާކުރެވޭ ގޮތަށް ނިޒާމު އޮތުން ފާހަގަކޮށްފައިވެއެވެ. އަދި، މި ސްކީމުގެ ހަރަދުތައް ދުވަހުން ދުވަހަށް އިންތިޚާއަށް އިތުރުވާ ގޮތަށް ނިޒާމު އޮތްކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން އާސަންދަ ސްކީމުގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާ ނިސްބަތް އަހަރުން އަހަރަށް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2019 އިން 2024 އަށް ރާއްޖޭން ބޭރުން އާސަންދަ ދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ހަރަދު އެވްރެޖުކޮށް އަހަރަކު 14 ޕަސެންޓް އިތުރުވަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މައްސަލަތައް ފާހަގަކުރުމުގެ އިތުރުން އޮޑިޓް ރިޕޯޓްގައި ވަނީ އިސްލާހު ކުރަންވީ ކަންކަން ވެސް ލަފާދީފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އާސަންދައިން ހޯދާ ފަރުވާއަށް ކޯ ޕޭމަންޓެއް ނަގާ އުސޫލެއް ތައާރަފު ކުރުން ހިމެނެއެވެ. އެއީ ހުރިހާ ޚަރަދެއް ދައުލަތުން ކުރުމުގެ ބަދަލުގައި ބިލަށް އަރާ ޖުމުލަ އަދަދުގެ ވަކި ޕަސެންޓެއް ބަލި މީހާގެ ފަރާތުން ދެއްކުމެވެ.