ފުލުހަށް ރިޕޯޓު ކުރުމުން ވެސް ނުހުއްޓުވި، އޮޅުވާލައިގެން އެއް ލައްކަ ރުފިޔާގެ ބޭސް ނެގި މައްސަލައެއް
ސަން
6 ޖެނުއަރީ 2026 | އަންގާރަ | 6:22
އާސަންދައިން އޮޅުވާލައިގެން ބޭސް ނަގާ މީހެއްގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމުން ވެސް ނުހުއްޓުވި، އެ މީހާ އެއް ލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑު ބޭސް ނެގި މައްސަލައެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން ނެރުނު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ އޮޑިޓުގައި ވަނީ، އޮޅުވާލައިގެން، އެހެން މީހުންގެ ނަމުގައި ބޭސް ނަގާ ކަމުގެ ޝަކުވާ އާސަންދައަށް ހުށަހަޅައިފައިވީ ނަމަވެސް، އެ ކުންފުނިން އެކަށީގެންވާ ފިޔަވަޅު އަޅައިފައި ނުވާ ކަމަށެވެ. އެގޮތަށް 175،174 ރުފިޔާގެ ބޭސް އެކި މީހުން، އެހެން މީހުންގެ ނަމުގައި ނަގައިފައިވާ ކަމަށް އޮޑިޓް ސާމްޕަލްގެ ގޮތުގައި ބަލައިފައިވާ ކޭސްތަކުން ފާހަގަވި ކަމަށް އެ ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ވަނީ، ބޭސް ސިޓީ ފޯޖުކޮށް، ތަކުރާރުކޮށް އެއް ބޭސްތަކެއް އެކި ޑޮކްޓަރުން ލައްވައި ލިޔެ، ބޭސް ނަގައި އޭގެ ވިޔަފާރި ކުރުމާ ގުޅޭ ކޭސް ސްޓަޑީއެއް ހަދައިފައެވެ. އެ މައްސަލައިގައި ތުހުމަތުވާ މީހާ، ފެބްރުވަރީ 20، 2023ގައި ބޭސް ސިޓީ ފޯޖުކޮށްގެން ބޭސް ސިޓީ އާކުރަން ދިޔަ މައްސަލައެއް، މާލޭގެ ހޮސްޕިޓަލަކުން އާސަންދައަށް ރިޕޯޓުކުރި ކަމަށް އެ މައުލޫމާތުގައިވެއެވެ.