ޑުރަގު ބޭނުންކުރުން ފަދަ 'ހެބިޗުއަލް' ކުށްތަކަށް ގިނަ އަދަބު ދެވޭ ދައުވާ ނުކުރާނެ: ޝަމީމް
ސަން
7 ޖެނުއަރީ 2026 | ބުދަ | 10:43
އެތައް ސަތޭކަ އަހަރެއްގެ ޖަލު ހުކުމެއް އިއްވޭއިރު، އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ކުށްކުރުމުގެ އާދަ އަށަގެންފައިވުމުން ކުރެވޭ ކުށްތަކަށް ދައުވާކުރުމުގައި ތަފާތެއް ގެންގުޅެންޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ޝަމީމްގެ ޕީޖީ ކަމުގައި ދައުވާކޮށް، ކޯޓަށް ހުށަހެޅި ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން ވަނީ ސަތޭކައަށް ވުރެ ގިނަ އަހަރަށް ޖަލަށް ލާފައެވެ.
އޭގެ ތެރޭގައި، ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވާ ހުސެއިން ޝިފާއު 109 ޖަލަށް ލާން މިދިޔަ ޑިސެންބަރު 18 ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ ފަހުން، އެ މަހުގެ 31ގައި، ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި, ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެ، 397 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.