ޕާޓް ޓައިމްކޮށް ޕީއެޗްޑީ ހެދޭ މުއްދަތު އިތުރުކުރުން: ''މުޅި މުޖުތަމައާ ޚިލާފަށް ވިޔަސް ނުކުންނަނީ، ފެންވަރު ހިފަހައްޓަން''
ސަން
7 ޖެނުއަރީ 2026 | ބުދަ | 3:45
ޕީއެޗްޑީ ހާސިލުކުރާއިރު، ވަޒީފާއަށް ދަމުން ފުލްޓައިމްކޮށް އެ ޑިގްރީއަށް ނުކިޔެވޭނެ ކަމަށާއި ޕާޓް ޓައިމްކޮށް ކިޔަވާނަމަ ޑިގްރީ ފުރިހަމަ ކުރެވޭނީ ހަ އަހަރުން ކަމަށް އިއުލާންކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން އެކަން ތަންފީޒުކުރަން މަސައްކަތްކުރަނީ ތައުލީމީ ފެންވަރު ހިފަހައްޓަން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްކިޔުއޭއިން މިދިޔަ މަހުގެ 26ގައި ކުރި އިއުލާނެއްގައި ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭ ގޮތުން އަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިހާތަނަށް ނެތް ކަމަށެވެ. ނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާ ގުޅޭ މިންގަނޑެއް، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައި އޮތް ކަމަށެވެ.
އެހެންކަމުން، އެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ރާއްޖޭގެ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ހިންގުމަށް އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ނިންމައިފައިވާ ކަމަށް އިއުލާނުގައިވެއެވެ. އެއީ، ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ތިން އަހަރު ދުވަސް ކަމަށާއި ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތު ކަމަށެވެ.