ފޮރިން ސާވިސްއަށް އެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައި ތިބި މީހުން ނޫނީ އައްޔަނު ނުކުރެވޭނެ ގޮތް ހެދުން މުހިންމު: ފައްޔާޒް
ސަން
9 ޖެނުއަރީ 2026 | ހުކުރު | 3:46
ރާއްޖޭގެ ސިޔާސަތު ވާންވާނީ ގިނަ ބަޔަކާ ނުޖެހި، އަވައްޓެރިންނާ ގުޅިގެން އުޅެވޭ ސިޔާސަތަކަށް ކަމަށާއި އެކަން ކުރުމަށް ހާރިޖީ ދާއިރާއަށް އައްޔަން ކުރެވޭނީ އެ ދާއިރާއިން ތައުލީމު ހާސިލް ކޮށްފައި ތިބި މީހުން ކަމަށް ކަނޑައެޅުން މުހިންމު ކަމަށް, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އަވައްޓެރި ސްރީލަންކާއަށް ދިގު މުއްދަތަކަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހޭތީ, އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ލަންކާ ނޫހަކަށް ދެއްވި އިންޓަވިއޫއެއްގައި މަސްއޫދު ވިދާޅުވީ ދިވެހީންނާ މެދު "ދޮންމަންމަ"އެއް ކަންކުރާ އުސޫލުން ލަންކާއިން ކަން ކުރާ ކަމަށެވެ.
ދިވެހީންނަށް އެ ދަތިތައް ތަކުރާރުކުރުވާނަމަ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް މަސްއޫދު ދެއްވިއެވެ. މި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށާއި ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ ގައުމެއްގެ ހާރިޖީ ސިޔާސަތު އޮންނަން ވާނެ ގޮތް ނޫން ކަމަށް ވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.