އައު އިސްލާހާއެކު، ކައުންސިލަރުން އިންތިޚާބުތަކާ ދިމާކޮށް ނަހަމަކޮށް ވަޒީފާ ދިނުން މަދުވާނެ ކަމަށް ބެލެވޭ: އޭސީސީ
ސަން
10 ޖެނުއަރީ 2026 | ހޮނިހިރު | 5:13
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، އިންތިޚާބުތަކަށް ދިމާކޮށް، ނަހަމަ ގޮތުގައި ވަޒީފާ ދިނުން ފަދަ ކަންކަން މަދުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ލަފާކޮށްފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 14ގައެވެ. އޭގެ ތިން ދުވަސް ފަހުން، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ހުރިހާ ކައުންސިލްތަކަށް އަންގާފައެވެ.
އައު އިސްލާހުގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށް އަންގައިފައެވެ. އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން ހިމަނައިފައިވެއެވެ.