މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓަކަށް އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ މަޖިލީހުން ބަލަން ހުށަހަޅައިފި
ސަން
13 ޖެނުއަރީ 2026 | އަންގާރަ | 7:55
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް މަޖިލިސް މެދުވެރިކޮށް ހިންގުމަށް ހުށަހަޅައިފިއެވެ.
އެ ފައިސާ ގެއްލިފައިވާކަން ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ނާޒިމެވެ.
ނާޒިމް އޭރު ވިދާޅުވީ، އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް އޮކްޓޯބަރު 2024ގައި ދެއްކި ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އޭނާ ހާމަ ނުކުރައްވައެވެ. ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.