ކެނަބިސް ގަސްތަކެއް ހައްދައި، ޑުރަގު ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށް ލައިފި
ސަން
14 ޖެނުއަރީ 2026 | ބުދަ | 12:09
ގޭގައި ކެނަބިސް ގަސް ހައްދައި، އިތުރު މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން 100 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ނ. ކެނދިކުޅުދޫ، އަހުމަދު ޔާސިހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، މަސްތުވާތަކެތި އުފެއްދުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގީ މޭ 13، 2023 ގައެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި މަރުޖުވާނާ ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އާންމުންގެ މީހެކެވެ. އެހެންވެ، ފުލުހުން ޔަސީހް ދިރިއުޅޭ ގ. ރިމިނީ ގެއަށް ދިޔައިރު އެ ސަރަހައްދުން ކެނަބިސް ގަހެއް ފެނިގެން އެ ތަނުގައި މަޑުކޮށްގެން ތިއްބާ އޭނާ އައިސް އެއީ ޔާސިހްގެ އެއްޗެއް ކަމަށް އެއްބަސްވި ކަމަށެވެ. އަދި، ގޭގައި ވެސް އިތުރު ގަސްތަކެއް ހުންނާނެ ކަމަށް އޭނާ ބުނި ކަމަށް ދައުވާގައިވެއެވެ.