އެމްޑީޕީއަށް އާދަނެއް ނޯޅޭނެ، ތަރައްގީގެ މަޝްރޫއެއްވިއަސް، މުޒާހަރާއެއްވިއަސް، އިސްކޮށް ހުރި: ޙުސައިން އިސްމާޢީލް
ސަން
14 ޖެނުއަރީ 2026 | ބުދަ | 11:02
އިދިކޮޅު އެމްޑީޕީއަށް މާލޭގެ މޭޔަރު އާދަމް ޢާޒިމް ނޯޅޭނެ ކަމަށާއި، އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ޢާޒިމް ބައިވެރިވެވަޑައިގަންނަވައި ސަރުކާރު ޖަވާބުދާރީކުރެއްވުމަށް ޓަކައި އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދެވީ މޭޔަރުކަމުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވަމުން ކަަމަށް، އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޙުސައިން އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙުސައިން ވިދާޅުވީ، އާދަމް ޢާޒިމް ހޮވަންވީ މާލެއާއި މާލެއަށް އަންނަ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ޓަކައި ކަމަށެވެ.
ޙުސައިން ވިދާޅުވީ، މޭޔަރު ކަން ކުރައްވާ ބޭފުޅަކީ ކޮންމެހެން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ބޭފުޅެއްނޫން ކަމަށެވެ. އެއާއެކުވެސް، އިދިކޮޅު މެންބަރެއްގެ ހައިިސިއްޔަތުން ޢާޒިމް ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ކަމަށާއި، އެ މަސައްކަތް އޭނާ ކުރައްވަނީ މާލޭގެ ކަންކަން ރަނގަޅުކުރައްވަމުން ކަމަށް، ޙުސައިން ވިދާޅުވިއެވެ.