ސިޔާސީ މުވައްޒަފަކަށް ދިން ލައްކައެއްހާ ރުފިޔާއާއެކު 3 މިލިއަން ރުފިޔާ ދައުލަތަށް ހޯދަން ކުޅުދުއްފުށި ހޮސްޕިޓަލަށް އަންގައިފި
ސަން
17 ޖެނުއަރީ 2026 | ހޮނިހިރު | 9:57
ދެ އަހަރާއި ބަޔަށް ވުރެ ދިގު މުއްދަތަކަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދަށުގައިވާ ސިއްހީ މަރުކަޒެއްގައި މަސައްކަތްކުރި ސިޔާސީ މުވައްޒަފަކަށް މުސާރައާއެކު ދިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭހެން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް އެ ހޮސްޕިޓަލަށް އޮޑިޓަރު ޖެނެރަލް އަންގަވައިފިއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިދިޔަ ބުދަ ދުވަހު އާންމުކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2021އާއި 2022ގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން، އެ ހޮސްޕިޓަލުގެ ދަށުގައި މަސައްކަތްކުރި ސިޔާސީ މުވައްޒަފަކު އޮފީހަށް ލަހުން ހާޒިރުވާ ވަގުތާއި އޮފީހަށް ހާޒިރުނުވާ ދުވަހަށްވާ މިންވަރު، އެ މުވައްޒަފުގެ މުސާރައިން އުނިކޮށްފައެއް ނުވެއެވެ.
އެގޮތުން އެ މުވައްޒަފު މާރިޗު 4، 2021ގައި މަގާމަށް އައްޔަނުކޮށް، ނޮވެންބަރު 2023ގެ ނިޔަލަށް ވަޒީފާގައި ހުރި ދުވަސްވަރު، އޭނާގެ މުސާރައިން ޖުމުލަ 136،773 ރުފިޔާ އުނިކުރަން ޖެހެއެވެ. ނަމަވެސް އެ ފައިސާ ދިނީ މުސާރައިން އުނިނުކޮށް ކަމަށް، އެ ރިޕޯޓުގައި ބުންޏެވެ.