ޖަލީލަކީ ސީދާ "ކަންބަޅިއެއް"، ރައީސް ބޭނުންވަނީ އާދަމް އާޒިމް ހޮވެން: ޔާމީން
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 11:12
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މިހާރުގެ މޭޔަރު އަދި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ އާދަމް ޢާޒިމް މޭޔަރު ކަމަށް ހޮއްވަވަން ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޖަލީލަށް ތައުރީފްކުރައްވައިފައެވެ. އެގޮތުން ޖަލީލަކީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާގެ އަގުވެއްޓެން ނޭދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެންވެ ޖަލީލު މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.