މި އޮތީ ގެދޮރުވެރިވުމުގެ ޢީދެއް، އަޅުގަނޑު ވެސް ފޯމު ލާނަން: ޖަނާބު
ސަން
19 ޖެނުއަރީ 2026 | ހޯމަ | 10:50
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރުސަތުތަކާ އެކު އައިސްފައި މި އޮތީ "ގެދޮރުވެރިވުމުގެ ޢީދެއް" ކަމަށާއި އޭނާ ވެސް އެ ސްކީމުގެ ތެރެއިން ގެދޮރުވެރިކަން ހޯދަން ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ) ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ 7،900 ފުލެޓަށާއި 1،250 އަކަފޫޓުގެ 15،000 ގޯއްޗަށް އެދި ކުރިމަތިލާން އިއްޔެ ހުޅުވާލާފައެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޭ ޖަނާބު ވިދާޅުވީ، ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މާލޭ ސަރަހައްދަށް ދިމާވެފައި އޮތް ބޮޑު ކާރިސާއެއް ކަމަށެވެ. އެކަމަކު، ކުރީ ސަރުކާރުތަކުން ކަން ކޮށްފައި އޮތްގޮތުގެ ވާހަކަދައްކަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.