މިދިޔަ އަހަރު އާސަންދައާއި ސަބްސިޑީއަށް ބަޖެޓަށްވުރެ އިތުރަށް 2.3 ބިލިއަން ޚަރަދުކުރި
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 11:08
ރީފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ލަފާދީފައިވާ އާސަންދައާއި ސަބްސިޑީއަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށްވުރެ އިތުރަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.
އާސަންދައާއި ސަބްސިޑީއަށް ކޮންމެ އަހަރަކު ވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ޚަރަދާއި އާމްދަނީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އަދި، ސަބްސިޑީއަށް ބަޖެޓުކުރީ 1.86 ބިލިއަން ރުފިޔާއެވެ. ޖުމުލަ އާސަންދައާއި ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އަހަރު ނިމުނުއިރު އެ ކަމަށް 6.03 ބިލިއަން ރުފިޔާ އޮތީ ޚަރަދުކޮށްފައެވެ.