ޕީސީއާރް ޓެސްޓުކުރުމުގެ ޚިދުމަތްދީ، ޓެކުހަށް މަކަރު ހެދި ދެ ކުންފުންޏަކަށް ދައުވާކުރަން ފޮނުވައިފި
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 7:05
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެ ދެ ކުންފުންޏަށާއި، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ ދެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
މީރާއިން ކުރި އިއުލާނުގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
މީރާއިން ބުނި ގޮތުގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ދެ ކުންފުންޏަކީ އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކުންފުނިތައް ކަމަށެވެ. ނަމަވެސް، އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް މީރާއިން ބުންޏެވެ. އަދި މި މައްސަލައަކީ އެކަން ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.