ޢަބްދުއްރަހީމް ޝޫރާ ކައުންސިލްގެ ރައީސަށް: ހައްޖަށްދާ ދިވެހީންނަށް އިތުރު ލުއިފަސޭހަ ލިބިގެންދާނެ ކަމަށް އުންމީދުކުރަން
ސަން
20 ޖެނުއަރީ 2026 | އަންގާރަ | 8:56
ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި ދިވެހީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުالله ބިން މުޙައްމަދު ބިން އިބްރާހީމް އައްޝައިޚްގެ ދައުވަތަކަށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް މިވަގުތު ހުންނެވީ ސަޢޫދީގައެވެ. އެގޮތުން މިއަދު ޢަބްދުއްރަޙީމް ވަނީ ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢޫދީއާ ދެމެދު ބިނާވެފައިވާ ދީނީ، ސަގާފީ، އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށެވެ.