ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުކުރެވޭ ދެ ކުންފުންޏާއި ޑޮކްޓަރުންގެ މައްޗަށް ޕީޖީން ދައުވާކޮށްފި
ސަން
21 ޖެނުއަރީ 2026 | ބުދަ | 6:25
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމަށްވާ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދާފައިވާ މައްސަލައިގައި އެ ދެ ކުންފުންޏާއި، ދެ ޑޮކްޓަރުން މައްޗަށް ދައުވާ ކުރުމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މީރާއިން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.