ލަންކާއަށްދާ ދިވެހީން 'އީޓީއޭ' ހުށަހަޅަން ނުޖެހޭނެކަން ހަނދާންކޮށްދީފި
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 11:14
އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީން، އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަން ނުޖެހޭނެކަން ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން މިއަދު ހަނދާންކޮށްދީފިއެވެ.
ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެ ގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވަނީ މި ފަހުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. 'ދޮންމަންމަ'އެއްގެ އުސޫލުން ދިވެހީންނާ މެދު ކަންކުރާކަމުގެ ކަންބޮޑުވުން އޭނާ ހާމަކުރެއްވީ އެ ގައުމުގެ މީޑިއާއެއްގައެވެ.
ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން މިއަދު ނެރުނު ނޯޓިހެއްގައި ވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެކަން ހަނދާންކޮށްދީފައެވެ. އެހެންވެ، އެ ގައުމަށް ޗުއްޓީއަށް ދިވެހީން ދަތުރުކުރާއިރު އީޓީއޭ ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ނޯޓިސްގައި ބުނެފައިވެއެވެ.