އީސީގެ ރައްދު އެމްޑީޕީއަށް: އެއްވެސް ޕާޓީއަކަށް އީސީގެ ފޯމު ހުށަހަޅާ ޕޯޓަލަކަށް ނުވަދެވޭނެ
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 5:48
އަންނަ އޭޕްރިލް މަހު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލަށް ވަދެ، އެ މައުލޫމާތުތައް ބެލުމުގެ ބާރު ވެރިކަންކުރާ ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތު، އެ ކޮމިޝަނުން މިއަދު ދޮގުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތަރުޖަމާނުގެ ނައިބު ޙުސައިން ޙަސަން ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ޙުސައިން ފާހަގަކުރެއްވީ، ތ. ވިލުފުއްޓަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓަކަށް ތާއިދުކުރި ބައެއް މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި ކަމެވެ.