ކުރީ ސަރުކާރުގެ ހައުސިން ސްކީމަށް ދެވަނަ ފަހަރަށް ލީ މީހުންނަށް އިސްކަން ދޭން މޭޔަރު ގޮވާލައިފި
ސަން
22 ޖެނުއަރީ 2026 | ބުރާސްފަތި | 10:44
އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ހައުސިން މަޝްރޫއުކަމަށްވާ "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ"ގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި ފުލެޓަށާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުލެޓުތަކާއި ގޯތި ދެވެން ވާނެ ކަމަށާއި، އެމީހުންނަށް އިސްކަން ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެެވެ.
'އެކްސް'ގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ގެދޮރުވެރިޔާ މަޝްރޫއާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓަށާއި ބިމަށް ދެވަނަ ފަހަރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ހުންނާނެ ކަމަށެވެ.
"އެހެންކަމުން އިތުރު ފޯމު ފުރުމަކާ ނުލައި، އެ ސްކީމްގެ ދަށުން ފޯމުލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި ސަރުކާރުން މިހާރު ކުރިއަށް ގެންދަން ފަށައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓު ދެވޭނެ ކަމަށް އަޅުގަނޑު ދެކެން،" އާޒިމް ލިޔުއްވާފައިވެއެވެ.