ފައްޔާޒުގެ ކަންބޮޑުވުމެއް: އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް ނުފެނޭ!

ސަން

23 ޖެނުއަރީ 2026 | ހުކުރު | 3:10

އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް މިހާރު ނުފެންނަ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެ ކަމެއް ކަމަށެވެ. އަދި އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުންކުރަނީ އިނގިރޭސިބަސްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުން ކަމަށެވެ. ބޮޑެތި އާބާދީތަކުން ވާހަކަ ދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާ ބަހަކަށް އޮތް ގޮންޖެހުންތައް ބޮޑު ކަމަށާއި އެއީ ވަކި ދިވެހި ބަހަށް އެކަނި އޮތް ގޮންޖެހުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މައުޟޫޢުތަށް