"ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައިގެ ބަދަލާމެދު ހުރި ކަންބޮޑުވުމަށް އަދިވެސް ޖަވާބު ނުލިބޭ"
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 10:21
ޕޭ ހާމަނައިޒޭޝަންގެ ދަށުން ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެ ކަންބޮޑުވުންތައް ޕޭކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. ނަމަވެސް 50 ދުވަސް މިހާރު ފާއިތުވެފައިވާއިރު، އަދިވެސް އެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ ކަމަށް ވިދާޅުވިއެވެ.
ކުޑޫ އޭރު ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭ މިދިޔަ ނޮވެމްބަރު އެކަކުން ފެށިގެން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެ، އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ހިސާބުކުރީ ހާޒިރީ އެލަވަންސް ހިމަނައިގެން ކަމަށްވީތީ ސަލާމް/ ޗުއްޓީގައި ހުންނައިރު ކުރިން ލިބޭ މުސާރައާއި އިނާޔަތް ނުލިބުން ހިމެނެއެވެ. އަދި އިތުރު ކަންކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.