ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 4:25
ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިއަދު ހަދައިފިއެވެ.
ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އަންނަ އާގުބޯޓުފަހަރު ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ގައުމުގެ އިގުތިޞާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.