މައްސަލަ ބަލައި ނިމެންދެން އަދަދު ނޫހުން ޝާއިއުކުރި ކާޓޫނެއް ދައުރުނުކުރަން އަންގައިފި
ސަން
25 ޖެނުއަރީ 2026 | އާދިއްތަ | 6:09
"އަދަދު" ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމެންޓުގައި ޝާއިއުކުރި ކާޓޫނެއްގެ މައްސަލަ ބަލަމުން އަންނާތީ އެ ކާޓޫނު މީސްމީޑިއާގައި ދައުރުނުކުރަން، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފިއެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:25 އާއި 9:30 އާ ދެމެދު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނު ނެގުމަށް އެ ނޫހަށް އަންގާފައިވާ ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލައި ނިމެންދެން އެއްވެސް ފަރާތަކުން އެ ކާޓޫނު ދައުރުނުކުރަން ކޮމިޝަނުން ވަނީ އަންގައިފައެވެ.
އެ ދުވަހު މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލް އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީއެއްގައި ވަނީ، 'އަދަދު'ގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅެވޭހެން ދޭހަވާ ގޮތަށް ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ބަލަނީ ކަމަށް ބުނެފައިވެއެވެ.