ކަންކަން ތަންފީޒުވީމާ ކްރެޑިޓް ނަގަން އުޅޭނެ، ކަންބޮޑެއްނުވޭ: ޝަފީއު
ސަން
27 ޖެނުއަރީ 2026 | އަންގާރަ | 10:24
ކަންކަން ރާވައި، ހިންގައި، ތަންފީޒުވުމުން އެ ކަމުގެ ކްރެޑިޓް ނަގަން ބަޔަކު މަސައްކަތްކުރި ނަމަވެސް އެ ކަމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މި ދައުރުގައި އަލަށް ހުޅުވި ފުރަތަމަ ސްކޫލުކަމަށްވާ، ހުޅުމާލެ ފޭސް ދޭއްގެ ޝަހީދު ޢަލީ ސްކޫލް ހުޅުވުމަށް، ދަރިވަރުންނާއި، މުދައްރިސުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއުވަނީ، މި ސްކޫލަކީ މިދިޔަ އެމްޑީޕީ ވެރިކަމުގެ ތެރޭ ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ އިސް ވެރިން ސިފަކުރެއްވުމުން އެކަމަށް ރައްދު ދެއްވައިފައެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހްސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވަނީ މި ސްކޫލަކީ، އެ ސަރުކާރުގައި ޕްލޭންކޮށް، މަސައްކަތް އެވޯޑުކުރި ސްކޫލެއް ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭގައި ތަރައްގީކުރަން އިތުރު ސްކޫލެއްގެ މަސައްކަތް ވެސް ހަވާލުކޮށް، ދެ ސްކޫލަކަށް ބަޖެޓުކޮށް ބިން ހަމަޖެއްސިކަމަށް އިހްސާން ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ތިން އަހަރުވާން ދާއިރު އޭގެ ތެރެއިން އެއް ސްކޫލު ނަމަވެސް ނިމުނީތީ ހަމްދުކުރައްވާކަމަށް ވިދާޅުވިއެވެ.