ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެވިފައިވާތީ، ގޯތިތަކުގެ ގުރު އަލުން ނަގަނީ
ސަން
28 ޖެނުއަރީ 2026 | ބުދަ | 11:52
ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެވިފައިވާތީ، ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު އެންމެންގެ ގޯތިތައް އަލުން ކަނޑައަޅަން، އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނެގުން ބާއްވަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެވި, އާ ލޭންޑް ޔޫޒް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންކަމުން އާ ލޮޓް ނަންބަރެއް ކަނޑައެޅިގެން ދިއުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އެ ބަދަލާ ގުޅިގެން، ގޯތި ލިބުނު އެންމެނަށް ލިބިފައިވާ ގޯތި އަލުން ކަނޑައެޅުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ގުރު ނެގުން ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.