މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު ޚިޔާލު ހޯދަން ސިޔާސީ ޕާޓީތަކާއި، އީސީ އަދި އޭޖީއާ ބައްދަލުކުރަނީ

ސަން

29 ޖެނުއަރީ 2026 | ބުރާސްފަތި | 11:47

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ސިޔާސީ ޕާޓީތަކާއި، ބަންޑާރަނައިބުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިޔާލު ހޯދުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ފަސް މިނެޓުގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމިކްރަސީ ހިނގަމުން ދަނީ މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން ކަމަށް ވާތީ، މި އިސްލާހު، ކޮމިޓީގެ މަސައްކަތް ތެރޭގައި ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންތިޚާބުތައް ބޭއްވުމުގައި ގާނޫނީ ގޮތުން އަދާކުރާ ޒިންމާތައް އަދާކުރަނީ އިލްކެޝަންސް ކޮމިޝަނުން ކަމަށްވާތީވެ އީސީއަކީ ވެސް އެކަމުގައި ޚިޔާލު ހޯދަން ޖެހޭ ބައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެފަދައިން ވިދާޅުވެ ޝުޖާއު ވަނީ ސިޔާސީ ޕާޓީތަކާއި، އީސީގެ އިތުރުން ބަންޑާރަނައިބުގެ ޚިޔާލު އެކަމުގައި ހޯދުމަށް ހުށަހަޅައިފައެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު، އެ ތިން ފަރާތާއި ވަކިވަކިން ބައްދަލުކުރެއްވުމަށް ވެސް ޝުޖާއު ހުށަހެޅުއްވިއެވެ.

މައުޟޫޢުތަށް