އެފްއޭއެމް ޚިޔާނާތާ ގުޅިގެން ދައުވާކުރާ އަގީލް، ބެންކޮކުން ހައްޔަރުކޮށްފި
ސަން
30 ޖެނުއަރީ 2026 | ހުކުރު | 11:41
ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، ހައްޔަރުކޮށްގެން ހާޒިރުކުރަން އަމުރުކޮށްފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ތައިލޭންޑްގެ ވެރިރަށް ބެންކޮކުން މިއަދު ހައްޔަރުކޮށްފިއެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އޮތީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އަގީލްގެ މައްޗަށް ވެސް އޮތީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ފުލުހުން މިއަދު ބުނީ، އަގީލް ތައިލޭންޑްގައި ހިފަހައްޓާފައިވަނީ ވިސާ ވަޔަލޭޝަންގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވުމާ އެކު، އެ ގައުމުގެ ކަމާ ބެހޭ އިދާރާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.