ހިޔާ ޓަވަރެއްގައި ރޯވުން: ހަތް އެޕާޓުމަންޓުން 37 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 10:14
އިއްޔެ ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
'ސަން'އިން ސުވާލުކުރުމުން އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، ހަތް އެޕާޓުމަންޓުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ފަސް ދުވަހަށް ކަމަށެވެ. އެއީ، ގެއްލުންވި އެޕާޓުމަންޓުތައް މަރާމާތު ކުރުމަށް ދުވަސްކޮޅެއް ނަގާނެތީ ކަމަށް އެ މަސައްކަތް ކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލާދީ، އޮފިޝަލު ވިދާޅުވިއެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ، އެ ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ، މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށެވެ. އިތުރަށް ބަލަން ޖެހޭ ކަންކަން އެ އޮތޯރިޓީއާއި އެޗްޑީސީން ބަލަމުން އަންނަކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.