ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެފްއައިޔޫން ވަކިކުރި ސާޖިދު: "އަބުރު ކަތިލައި ވަކިކުރީ، މުވައްޒަފަކަށް ފިޔަވަޅު އެޅުމުން"
ސަން
31 ޖެނުއަރީ 2026 | ހޮނިހިރު | 3:49
އޭނާގެ އަބުރު ކަތިލައި، މަގާމުން ވަކިކުރީ މުވައްޒަފަކަށް ފިޔަވަޅު އެޅުމުން ކަމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުން ވަކިކުރި އިސްމާއިލް ސާޖިދު މިއަދު ވިދާޅުވެއްޖެއެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވެ، ސާޖިދު އެފްއައިޔޫއިން ވަކިކުރީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އޭރު ވެސް އޭނާ ހުރީ، ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަސްޕެންޝަނުގައެވެ.
އޭގެފަހުން މިއަދު ސާޖިދު ނެރުނު ބަޔާނެއްގައި ވަނީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ސާބިތުވާ ކަމަށް މައްސަލަ ބެލި އެމްއެމްއޭގެ ކޮމިޓީން ނިންމާފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވަނިކޮށް ކަމަށް ތުހުމަތުކޮށްފައެވެ.