"ތަޖުރިބާކާރުންގެ ލަފައަށް ސަރުކާރުން އަމަލުނުކުރުމުގެ ނަތީޖާއަކީ، އެ ބޭފުޅުން އިސްތިއުފާދީ، ގެއަށް ދިއުން"
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 10:36
މާލީ ދާއިރާގެ ތަޖުރިބާކާރުން، އެ ބޭފުޅުންގެ މަގާމުތަކުން އިސްތިއުފާ ދީ ގެއަށް ވަޑައިގަންނަވާ ސަބަބަކީ، އެ ބޭފުޅުންދޭ ލަފާ މި ސަރުކާރުން ގަބޫލުނުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެ، މަގާމުތަކުގައި ތިއްބެވި ގާބިލް ބޭފުޅުންނަށް މަގާމުން ވަކިވެވަޑައިގަތުމަށް މަޖުބޫރުވުން ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުން ބިކަވަމުންދާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރިތަކަށް ވެސް ގޮތްހުސްވާ ހިސާބަށް ކަންކަން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.