މަސްވެރިކަމުގައި މުސްތަގުބަލެއް އޮތްކަން ޒުވާނުންނަށް މިހާރު ގަބޫލުކުރެވޭ: ނައިބު ރައީސް
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 9:47
ފާއިތުވި އަހަރުތަކުގައި ޒުވާނުން މަސްވެރިކަމުގެ ދާއިރާއާ ބީރައްޓެހިވި ނަމަވެސް، މި ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ޒުވާނުންނަށް މިހާރު މި ދާއިރާއަށް އިތުބާރު ކުރެވޭ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، އެ މަޝްރޫއަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ހިތްވަރެއް ކަމުގައެވެ. އެގޮތުން، އެ މަސައްކަތާއެކު، އައު ދޯނިތައް ގެނައުމާއި އިތުރު އުޅަނދުތައް ގެނެސްގެން މަސްވެރި ދާއިރާއަށް ނެރުމަށް ކުރާ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ޒުވާނުން މަސްވެރިކަން ދޫކޮށްލައި، އެހެން ވަޒީފާތަކަށް ދާކަން ފާއިތުވި އަހަރުތަކުގައި ފާހަގަވި ކަމަށާއި، އެއީ މި ދާއިރާއަށް އިތުބާރު ނެތުމުން ކަމަށެވެ.