އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް މާލޭގައި ފަށައިފި
ސަން
2 ފެބްރުއަރީ 2026 | ހޯމަ | 10:49
އޮސްޓްރޭލިއާގައި މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ކަމަށްވާ، "ބައުންޑްލެސް ޕްލެއިންސް" އެގްޒިބިޝަން މާލޭގައި ހުންނަ ނެޝަނަލް އާޓް ގެލަރީގައި މިއަދު ހުޅުވައިފިއެވެ.
އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާ (އައިއެމްއޭ) އާއި ދިވެހިރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން ގުޅިގެން، މާލޭގެ ނެޝަނަލް އާޓް ގެލަރީގައި މައުރަޒު ހުޅުވައިދެއްވީ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާއިން ތައްޔާރުކޮށްފައިވާ މި މައުރަޒަކީ އޮސްޓްރޭލިއާގައި ދިރިއުޅެފައިވާ އަދި ދިރިއުޅެމުން އަންނަ މުސްލިމުން ދައްކުވައިދޭ މައުރަޒެކެވެ. އޭގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން އޮސްޓްރޭލިއާއަށް ދަތުރުކުރި އަފްޣާނިސްތާނާއި މެލޭޝިއާގެ މުސްލިމުންނާއި، ދާދި ފަހުން ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ މުސްލިމުންގެ ވާހަކަަތައް އެ މައުރަޒުން ކިޔައިދެއެވެ.